ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، ރިސްކް އެލަވަންސް ބޮޑު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އޭނާ މިގޮތަށް ވިދާޅުވީ ހދ. ކުރިނބީގައި މިއަދު ބޭއްވެވި ބައްދަލުވުމުގައެވެ.

ގާސިމް ވިދާޅުވީ މި ސަރުކާރުގެ ސަބަބުން ވަޒީފާ އަދާކުރާ މިހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެކިއެކި މަސައްކަތުގައި އުޅޭ އިރު، ރިސްކް ހުންނާނީ އެކި މިންވަރަށް ކަމަށެވެ.

އެހެންކަމުން އޭނާގެ ވެރިކަމެއްގައި ރިސްކެއް އޮވެގެން މަސައްކަތްކުރާ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކުރައްވަން ނިންމަވާފައިވާ ކަން ގާސިމް ވަނީ ވިދާޅުވެފައެވެ.

އެގޮތުން ފުލުހުންނާއި ސިފައިންނާއި، އެއާޕޯޓު މުވައްޒަފުންގެ އިތުރުން ހޮސްޕިޓަލްތަކުގައި ރިސްކެއް އޮވެގެން މަސައްކަތްކުރާ ކޮންމެ މީހަކަށް މި އެލަވަންސް ލިބޭނެކަމަށް ގާސިމް ވިދާޅުވިއެވެ.

އަދި އެހެން ވަޒީފާތަކުގައި އުޅޭ މުވައްޒަފުން ވެސް އެމީހަކު އަދާކުރާ ވަޒީފާގެ ރިސްކަށް ބަލާފައި އެލަވަންސް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.