ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ރައީސް މުހައްމަދު ނަޝީދުގެ ”ދަ ޑިމޮކްރެޓްސް“ ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.

ޑިމޮކްރެޓްސް އުފައްދަން، އެމްޑީޕީން ވަކިވެވަޑައިގެން 13 މެންބަރުންގެ ތެރޭގައި ވެސް ޝިޔާން ހިމެނިވަޑައިގަންނަވައެވެ.

އޭނާ އަލުން ރައީީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަޅިއަށް އެރުއްވިއިރު، މި ފަހުން އޭނާ ހުންނެވީ ޑިމޮކްރެޓްސްގެ ހަރަކާތްތަކާ ދުރުގައެވެ.

އޭނާ ސޮއިކުރެއްވި މެމްބާޝިޕް ފޯމު ހަވާލު ކުރެއްވީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީީސް ސޯލިހާއެވެ.

އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ފަހު، ކުރެއްވި ޓުވީޓެއްގައި ޝިޔާން ވިދާޅުވީ ތޮއްޑޫ ދާއިރާގެ ސާފު ބޮޑު އަގުލަބިއްޔަތާ އެކު ރައީސް ޞާލިޙް، މި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެކަމަކު، ޑިމޮކްރެޓްސް ދޫކޮށްލެއްވި ސަބަބެއް އޭނާ ހާމަކުރައްވައިފައެއް ނުވެއެވެ.

ޝިޔާން ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގެން އިރު، ޑިމޮކްރެޓްސްގައި ހުންނެވި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި އެ ސިޓީގެ މޭޔަރު ވެސް މި ފަހުން ވަނީ އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.

ޝިޔާން އަލުން އެމްޑީޕީއާއި ގުޅުނުއިރު، މިމަހުގެ 10 ވަނަ ދުވަހު ވެސް އޭނާ ވަނީ ”އިބޫ ނޫން ގޮތެއް“ ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.