ރައްޔިތުން ގޮތް ނިންމަވައި ދެއްވައި، ފުރުސަތު ދެއްވައިފިނަމަ، އިހްލާސްތެރިކަމާއިއެކުގައި ހިދުމަތް ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށާއި، ކުރައްވާނީ ހަގީގީ މާނއިގައި ރައްޔިތުންގެ ވެރިކަމެއް ކަމަަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެމްޕެއިނުގެ ޖަގަހައެއް ރޭ ހުޅުވައިދެއްވައި މުއިއްޒު ދެއްކެވި ވާހަކައިގައި އެދިވަޑައިގަތީ، ނަތީޖާ ނެރެދެއްވާނެ ކެންޑިޑޭޓް އިހްތިޔާރު ކުރުމަށެވެ.

”ޕީޕީއެމް-ޕީއެންސީގެ ޓީމު އަޅުގަނޑާއެކީގައި މި ތިބީ ތައްޔާރަށް، ފެންނާނީ އިހްލާސްތެރިކަމާއިއެކީގައި ތިބޭފުޅުންނާއި އެކީގައި މަސައްކަތް ކުރާތަން.“

މުއިއްޒު ވިދާޅުވީ، ވެރިކަން ލިބިވަޑައިގަތުމުން، އެމަނިކުފާނު ކުރައްވާނީ، ހަގީގީ މާނައިގައި، ރައްޔިތުންގެ ވެރިކަމެއް ކަމަށެވެ.

”އެކަމަކު އެއީ ތި ބޭފުޅުން ފުރުސަތު ދެއްވައިފިނަމަ.“

މުއިއްޒުގެ ވާހަކައިގައި، ރިޔާސީ އިންތިހާބާއި ދިމާކޮށް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާގައި ނުޖެހުމަށް ވަނީ އިލްތިމާސް ކުރައްވައިފައެވެ.