ދައުލަތުގެ މީޑިއާގެ ރިޔާސީ ބަހުސްގައި ރައީީސް އިބްރާހީމް ބައިވެރިވެވަޑައިގަންނަވަނީ ކުރީބައިގައި ސުވާލުތައް ކިޔާލަން ދޭ ގޮތަށް ޝަރުތުކޮށްގެންކަން އެނގިއްޖެއެވެ.

ރިޔާސީ ބަހުސްގައި ބައިވެރިވެޑައިނުގަންނަން ނިންމެވުމުން، އަމާޒުވި ފާޑުކިޔުންތަކާއިއެކުގައި، ކެންޑިޑޭޓުންނަށް ހާއްސަކޮށްގެން ގައުމީ ޔުނިވާސިޓީ އާއި ޕީއެސްއެމް އިން ބާއްވާ ”ރިޔާސީ ބަހުސް“ގައި ރައީސް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ކެމްޕެއިނު ތަރުޖަމާނު، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވަނީ ވިދާޅުވެފެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވިދާޅުވީ އެމްއެންޔޫގެ ބަހުސަށް ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.

މާރިޔާ ވިދާޅުވީ އެހެން މީޑިއާތަކުގެ ބަހުސްތަކުގައި ބައިވެރިވެ، އިޝްތިހާރުވާާން ރައީީސް ސޯލިހު ބޭނުންފުޅުވެނުލައްވާ ކަމަށެވެ.

”އެއީ އިލްމީ ބަހުސެއް ހިނގާނެ ތަނެއް، ޔުނިވާސިޓީތަކުގައި އިލްމީ ގޮތުން ވާހަކަ ދައްކަވާފައި ޕޮލިސީތައް ދިރާސާކޮށް އުޅޭނެ. އެކަމަކު މީޑިއާތަކަށް އަރައި އިޝްތިހާރުވުމަށްޓަކައި ކުރާ ބަހުސްތަކަކީ ރައީސް ގަބޫލުކުރައްވާ ކަމެއް ނޫން،“ މާރިޔާ ވިދާޅުވިއެވެ.

މީޑިއާތަކުގެ ބަހުސަށްވުރެ، ރައީސްއަށް މުހިންމީ ރަށްރަށަށް ވަޑައިގަތުން ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ރައީސް ސޯލިހު ޕްރޮމޯޓް ކޮށްދޭ ދައުލަތުގެ މީޑިއާގެ ބަހުސްގައި އެކަނި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަން ނިންމެވިއިރު، ސަންގު ޓީވީގެ ބަހުސް ވަނީ ބޮއިކޮޓް ކުރައްވައިފައެވެ.