ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތުދިން ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުން ފުލުހުންނަށް ހުށަހެޅި މައްސަލަ ރަޖިސްޓްރީކޮށްދެވެން ނެތްކަމަށް ފުލުހުން މިއަދު އަންގައިފިއެވެ.

ރިޔާސީ އިންތިހާބާ ދިމާކޮށް މަޖިލީހުގެ ބައެއް މެންބަރުން ޕާޓީ ބަދަލުކުރަމުންދާތީއާއި އެކަމުގައި ރިޝްވަތުގެ އަމަލުތަކެއް ހިނގާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މަޖިލީހުގެ އިދާރާއިން ފުލުހުންނަށް މައްސަލަ ހުށަހެޅީ މި މަހުގެ 26 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގެއް ފަށަން ބޭނުންވާ އަސާސީ މައުލޫމާތުތައް މަޖިލީހުން ފޯރުކޮށްދީފައި ނެތް ކަމަށްވާތީ ރަޖިސްޓްރީ ކުރެވިދާނެކަމަށް ނުފެންނަ ކަމަށް ސިޓީއަކުން މަޖިލީހަށް މިހާރު އަންގާފައިވާ ކަމަށެވެ.

އަދި އެފަދަ މައުލޫމާތު ހުރިނަމަ ރިޝްވަތުގެ މައްސަލަ ތަހުގީގުކުރުމުގެ ހާއްސަ އިހުތިސާސް އޮންނަ ފަރާތަކީ އެންޓި ކޮރަޕްޝަން ކޮމިޝަންކަމަށްވާތީ ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ އެފަދަ މައްސަލަތައް ހުށަހަޅަންވާނީ އެ ކޮމިޝަނަށް ކަމަށް ދެކޭ ވާހަކަ ވެސް އަންގާފައިވާނެ ކަމަށެވެ.

އަދި އޭސީސީން އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ އެހީތެރިކަމަށް އެދިއްޖެނަމަ އެކަން ކޮށްދޭނެ ކަމަށް ވެސް ފުލުހުން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މައްސަލަ ފުލުހަށް ހުށަހެޅި ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައިވަނީ ރައީސް ސޯލިހު ގެންދަވަނީ ލަދެއްނެތި ބިރެއްނެތި ދައުލަތުގެ ފައިސާ ބޭނުން ކުރައްވައިގެން މަޖިލިސް މެންބަރުންނާއި އެހެންވެސް މީހުންނަށް ރިޝްވަތު ދެއްވަމުން ކަމަށް ތުހުމަތު ކުރައްވައިފައެވެ.

އަދި އެކަމުން ވާނެ މޮޅެއް ނޯންނާނެ ކަމަށާއި އަދި ރައީސް ސޯލިހު ފަލީހަތްވުން ނޫންކަމެއް ނުވާނެ ކަމަށް ވެސް ރައީސް ނަޝީދުގެ ވިދާޅުވެފައިވެއެވެ.