ރ.އަލިފުށީގައި އެއާޕޯޓް އަޅަން، އެމްޑީޕީއަށްވުރެ ބޮޑަށް އެދެނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަލިފުށީގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، އެމަނިކުފާނަށް ވެރިކަން ލިބިއްޖެ ނަމަ މަޝްރޫއުތައް ހުއްޓާލާނެ ކަމަށް ބުނަމުން ދަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށެވެ.
އެ އެއާޕޯޓް އަލިފުށީ ރައްޔިތުންނަށް ހަދައިދިނުމަކީ، މި ސަރުކާރަށް ވުރެ ބޮޑަށް ޕީޕީއެމުން ބޭނުންވާ ކަމެއް ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
”ވަރަށް ވެސް ފިނޑި ބައެއް އެ ވާހަކަތައް އެ ދައްކަނީ. ނާތަހުޒީބު ބައެއް. ޒިންމާދާރު ބަޔަކަށް ވާން އެބަ ޖެހޭ. އެއީ ރައްޔިތުންގެ ހިތަށް ބިރު ވެރިކަން ވައްދަން ދައްކާ ވާހަކަ،“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، މިހާރަށް ވުރެ ބާރަށް ގެންގޮސް އެ އެއާޕޯޓްގެ މަސައްކަތް ނިންމާނީ އެމަނިކުފާނުގެ ވެރިކަމެއްގައި ކަމަށެވެ.
