ޕީއެސްއެމްއާއި ގައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސް އޮންނަ ތާރީހު ބަދަލުކޮށްދޭން އެމްޑީޕީން އެދިއްޖެއެވެ.

ޕީއެސްއެމްއާއި ގައުމީ ޔުނިވަރސިޓީން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސް އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ 21:00 ގައެވެ.

ރިޔާސީ ބަހުސްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް، ކެމްޕޭން ތަރުޖަމާނު މާރިޔާ އަހްމަދު ދީދީ ވަނީ ވިދާޅުވެފައެވެ.

ނަމަވެސް އެމްޑީޕީން ވަނީ ހަމަ އެރޭ މާލޭގައި ޖަލްސާއެއް ބާއްވަން ނިންމާފައެވެ.

“އުފާވެރި މާލެ“ ގެ ނަމުގައި ޖަލްސާ ބާއްވަން ނިންމާފައިވަނީ އެ ރޭ 20:30 ގައި ކާނިވާ ސަަރަހައްދުގައެވެ.

މި ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. އެހެންކަމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރިޔާސީ ބަހުސްގައި ބައިވެރިވަޑައިނުގެންނެވޭނެއެވެ.

ބަހުސް އޮންނަ ރެއާއި ޖަލްސާ އޮންނަ ރެއަކީ އެއް ރެއަކަށްވުމުން އެކަމާ ސުވާލު ކުރުމުން މާރިޔާ މިއަދު ވިދާޅުވީ ބަހުސް އޮންނަ ތާރީޚު ފަސްކުރަން އެދިފައިވާ ކަމަށެވެ.