އިދިކޮޅު ލީޑަރު، ރައީސް ޔާމީންގެ ވެރިކަމުގައި ހިޔާ މަޝްރޫއުގެ ދަށުން ޒުވާނުންނަށް ހާއްސަ ކެޓެގެރީތަކުން އަޅަން ފެށި ފްލެޓްތަކަށް މި ސަރުކާރުން ހެދި ގޮތް ކިޔައިދިނުމަށް، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފު(ސެމްބެ) ގޮވައިލައްވައިފިއެވެ.
މައްޗަންގޮޅީ ދެކުނުގައި، ރޭ އިދިކޮޅުގެ ކެމްޕެއިން ޖަގަހައެއް ހުޅުވައިދެއްވައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ރައީސް ޔާމީނަށް ޒުވާނުންގެ ރައީސްގެ ލަގަބު ދެނީ ވަރަށް ގިނަ ސަބަބުތަކާއި ހުރެ ކަމަށެވެ. އެގޮތުން ވަރަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި، ރައީސް ޔާމީން ވަނީ ޒުވާނުންނަށްޓަކައި ”ޔޫތު ސިޓީ“އެއް ބިނާކޮށްދެއްވައިފައިކަން ސެމްބެ ފާހަގަކުރެއްވިއެވެ. ޒުވާނުންނަށް ހާއްސަ ކެޓެގެރީއެއްގެ އިތުރުން، އަލަތު ކައިވެނީގެ ފްލެޓްތަކެއް ރައީސް ޔާމީންގެ ވެރިކަމުގައި އަޅަން ފެށިއިރު، މި ސަރުކާރުން އެފްލެޓްތަކާއިމެދު އަމަލު ކުރި ގޮތަށް އެމަނިކުފާނު ފާޑުވިދާޅުވިއެވެ.
”ނަމަވެސް އެ ފްލެޓްތައް ކޮބައިތޯ، 30،000 މީހުންގެ އާބާދީއެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮތްއިރު، ޒުވާނުންނާއި މި ދެންނެވި ކެޓަގަރީގެ ފްލެޓްތައްވީ ކޮންތާކުތޯ؟“
ސެމްބެ އިތުރަށް ވިދާޅުވީ، ޒުވާނުންގެ ވޯޓު ބޭނުންވާނަމަ، އެ ފްލެޓްތަކަށް ހެދި ގޮތް ސަރުކާރުން ޒުވާނުންނަށް ބުނެދޭން ޖެހޭ ކަމަށެވެ.
”ޒުވާނުންގެ ވޯޓު ބޭނުންވާނަމަ، އެ ކެޓަގަރީއަށް ވީގޮތް ސާފުކޮށްދޭށޭ އަޅުގަނޑު މި ދަންނަވަނީ“
ރައީސް ޔާމީންގެ ސަރުކާރުން ފެށި ހިޔާ ފްލެޓްތަކުގެ ބިޔަ މަޝްރޫއުއަކީ އެތަކެއް ޒުވާނުންނަށް ބޯހިޔާވަހިކަން ލިބިދާނެ ކަމަށް ލިބުނު އުއްމީދެކެވެ.
ރައީސް ޔާމީންގެ ވެރިކަން ނިމުނު އިރު 3081 ޒުވާނުންނަށް، ޒުވާނުންނަށް ހާއްސަ ކުރެވިފައިވާ ކެޓަގަރީން ފްލެޓް ވަނީ ކަށަވަރުކުރެވިފައެވެ. މިއީ ބާކީ ހުރި ކެޓަގަރީތަކުން ލިބިފައިވާ ޒުވާނުން ނުހިމަނައި ހަމަ އެކަނި ޒުވާނުންގެ ކެޓަގަރީން ފްލެޓް ލިބޭނެކަން ނިމުނު ސަރުކާރުން ކަށަވަރުކޮށްދީފައިވާ ޒުވާނުންނެވެ.
އޭގެތެރޭގައި ހިމެނެނީ އެޗް7ގެ 1150 ފަރާތާއި، މި ސަރުކާރުން ވުޖޫދުގައި ނެތްކަމަށް ބުނެ ”އޮޅުވައިލި“ 2500 ފްލެޓް ތެރޭގައި ހިމެނޭ އެޗް7ގެ 500 ފަރާތާއި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ކުރިން ވުޖޫދުގައި ނެތްކަމަށް ވިދާޅުވެފައިވާ އެއްކޮޓަރީގެ ފްލެޓްތަކުގައި ހިމެނޭ އެޗް11ގެ ޒުވާނުންގެ ކެޓަގަރީގެ 438 ފަރާތާއި، އަލަތު ކައިވެނި ކެޓަގަރީން ފްލެޓް ކަށަވަރުވެފައިވާ 993 ފަރާތެވެ.
މި ސަރުކާރުން، ހިޔާ މަޝްރޫއުގައި ހިމެނޭ 2500ފްލެޓްގެ ޑިޒައިން، ދެ ކޮޓަރީގެ ގޮތުގައި ބެހެއްޓުމުގެ ބަދަލުގައި ތިން ކޮޓަރީގެ ފްލެޓްތަކަކަށް ބަދަލުކުރުމަށް ނިންމިއެވެ. އެގޮތަށް އަމަލު ކުރީ ފްލެޓްތަކުގެ އަދަދު މަދުވިނަމަވެސް ސަރުކާރުން އިތުރު ފްލެޓް އިމާރާތްކޮށް އެފަރާތްތަކަށް ދެއްވާނެ ކަމަށް ބުނެއެވެ.
ސަރުކާރުން ގެނައި ބަދަލާއެކު، ފްލެޓްތަކުގެ އަދަދު 2500 އިން 1700 އަށް މަދުވެފައިވަނީ ޑިޒައިނަށް ގެނައި ބަދަލާއި ގުޅިގެން ދެކޮޓަރީގެ ބަދަލުގައި ތިންކޮޓަރިއަށް ބަދަލުކުރުމުންނެވެ. އެހެންނަމަވެސް މިސަރުކާރުން މި މަޝްރޫއުގެ ބިންގާ އަޅާފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށުން މިސަރުކާރުން އަލަށްފެށި ޕްރޮޖެކްޓެއްގެ ނަމުގައެވެ. އެއީ ”ވިނަރެސް“ގެ ނަމުގައި ހިންގި މަޝްރޫއުއެވެ.
