ގދ. ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ތިނަދޫ ސިޓީއެއް ކަމަށް ކަނޑައަޅައި މިއަދު ރައީސް ސޯލިހު ވަނީ ގަރާރުގައި ސޮއިކުރައްވާފައެވެ.

ރައީސް ސޮއިކުރެއްވި ގަރާރުގައި ވަނީ ސިޓީއެއްގެ ދަރަޖަ ދެވޭ ރަށްރަށުގައި ހުންނަންޖެހޭ ޝަރުތުތައް ތިނަދޫގައި ފުރިހަމަވެފައިވާ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި އެ ރަށަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައިވާ ކަމަށް ގަރާރުގައި ވިދާޅުވެފައިވެއެވެ.

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ރައީސް ނިންމެވިއިރު، މިއީ ރާއްޖޭގެ ފަސްވަނަ ސިޓީއެވެ. މީގެ ކުރިން ސިޓީގެ ދަރަޖަ ދީފައިވަނީ މާލެ އާއި އައްޑޫ، ފުވައްމުލަށް އަދި ކުޅުދުއްފުއްޓަށެވެ.

ސިޓީއެއްގެ ދަރަޖަ ދެވޭނީ އެތަނެއްގައި 10،000 އަށްވުރެ ބޮޑު އާބާދީއެއް ދިރިއުޅޭނަމަ ކަމަށް ގާނޫނުގައިވެއެވެ.