މި ފަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް  މިހާރު އެންމެ ރަނގަޅު ވާނީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ފަހަތަށް އަރައިގެން މަސައްކަތް ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ ރޭ ބ. އޭދަފުށީގައި ބެއްވި ޑރ.މުއިއްޒުގެ ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ސަލީމް ވަނީ، ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދުކޮށްގެން ކެމްޕެއިން ނުކުރައްވައި، ރައީސް ސޯލިހު ވެސް ޑރ.މުއިއްޒުގެ ފަހަތަށް ވަޑައިގެން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.

”އަޅުގަނޑު ދަންނަވާނީ ރައީސް ސޯލިހަށްވެސް ދައުލަތުން މާބޮޑު ހޭދަތަކެއް ކުރަން ނުޖެހޭނެހެން ފުރަތަމަ ބުރާއި ދެވަނަ ބުރު ނުކިޔައި އަވަހަށް ޑރ.މުއިއްޒުގެ ފަހަތަށް އަރައިވަޑައި ގެންނެވުމަށް. ރައީސް ސޯލިހަށްވެސް އެންމެ ރަނގަޅުވާނީ އެގޮތް. އޭރުން ދައުލަތުގެ ބަޖެޓުން މިކުރާ ބޮޑު ހޭދަ މިކަމަށް ނުކޮށް ނިމުނީ ނޫންތޯ.“ ސަލީމް ވިދާޅުވިއެވެ.

މުއިއްޒުއަކީ ތައުލީމީ ބޭފުޅެއްކަން ފާހަގަކުރައްވައި، ސަލީމް ވިދާޅުވީ އެމަނިކުފާނަށް ”ހަރުކަށި“ ލަގަބު އަރުވަނީ ފަސް ވަގުތު ނަމާދުކުރައްވައި، ރޯދަ ހިފައި، ޒަކާތް ދެއްވައި އުޅުއްވާތީ ކަމަށެވެ. އަދި ހަރުކަށި އަމަލުތަކަކީ ދީނާއި ދެކޮޅަށް ކުރާ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ.