ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދު 2،000 މީހުންނަށް އިތުރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރުކަން ވެސް ކުރައްވަވާ މުއިއްޒު މިފަދައިން ވިދާޅުވީ، ނައިފަރުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައެވެ.

އެ ޖަލްސާގައި މުއިއްޒު ވިދާޅުވީ ހައްޖަށް ދިއުމަށްޓަަކައި މިހާރު އާންމު ގޮތެއްގައި ދިވެހިންނަށް ލިބެނީ 1000 މީހުންގެ ކޯޓާ ކަމަށެވެ.

ނަމަވެސް ވެރިކަން ލިބިވަޑައިގެންފިނަމަ އެ އަދަދު 2000 މީހުންގެ ކޯޓާ އަކަށް ބަދަލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސައުދީގެ ރަސްގެންފާން ސަލްމާން އާއީ ރައީސް ޔާމީން އަކީ ގާތް ދެ ބޭފުޅުން ކަމަށެވެ. އެހެންކަމުން ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދު އިތުރުކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.