މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅިގެން، އަންނަ ހުކުރު ދުވަހު އިރުއޮއްސި، ހައެއްގެ ފަހުން، ކެމްޕެއިން ޖަގަހަތައް ހުޅުވައިފައި ނުބެހެއްޓޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން(އީސީ) އިން ބުނެފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަންނަ ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން، އާދީއްތަ ދުވަހުގެ ހެނދުނު 6:00 އާ ދެމެދު، ސިޔާސީ ޕާޓީއެއްގެ ނުވަތަ އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕެއިން ޖަގަހައެއް ހުޅުވާފައި ބެހެއްޓުމަކީ ހުއްދަ ކަމެއް ނޫންކަން ރިޔާސީ ކެންޑިޑޭޓުންގެ އޭޖެންޓުންނަށް އަންގާފައިވާ ކަމަށެވެ.
އަދި މަނާ ގަޑީގައި ކެމްޕެއިން ޖަގަހަ ހުންނަން ޖެހޭނީ ބަންދުކޮށްފައި ކަމަށް ވެސް ވާނީ ބުނެފައި ކަން ހަބީބް ވިދާޅުވިއެވެ.
