މިހާރު ކުރިން ލިބޭ ގޮތަށް ހިލޭ އެހީ ނުލިބޭ ކަމަށް ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިޔުއެއްގައި ރައީސް ސޯލިހު ވިދާޅުވީ، ހިލޭ އެހީ ލިބެނީ އެތެރޭގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި އެ ސަރުކާރަކުން އަމަލުކުރާ ގޮތެއްގެ މައްޗަށް ކަމަށެވެ.

”ހާއްސަކޮށް، ބައިނަލްއަގްވާމީ އިންސްޓިޓިއުޝަންތަކުން، އެހީ އާއި އެހީތެރިކަން މި ފޯރުކޮށްދެނީ، އޭގެތެރޭގައި ހިއުމަންރައިޓްސް، މީޑިއާގެ މިނިވަންކަން، ވެރިކަމަށް މީހަކު އަންނަ ގޮތް، އިންތިހާބީ މިނިވަންކަމާއި މި އެއްޗެއްސަށް ބަލާފައި.“ ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް ގައުމަކުން އެހީ ހޯދަން އުޅޭއިރު، ހިއުމަންރައިޓްސް ފަދަ ކަންކަން ރާއްޖޭގައި ހުރި ގޮތަކުން ހުރަހެއް ނެތް ކަމަށާއި، ހުރަހަކަށް ވަނީ ރާއްޖެ އެންމެ ފަގީރު ގައުމަކުން، މިޑްލް އިންކަމް ގައުމަކަށް ޕްރޮމޯޓް ވެފައި އޮތުމުން ކަމަށެވެ.

”އެހެންވީމަ، އެ ހިލޭ އެހީ، ކުރިއާ އަޅާބަލާއިރު، މަދޭ ވެސް ދެންނެވިދާނެ.“

ރައީސް އިތުރަށް ވިދާޅުވީ ލޯނަކީ އެގައުމެއްގެ އިގްތިސާދީ ހާލަތު ހުންނަ ގޮތުން ބައެއް ފަހަރު ނަގަންޖެހޭނެ އެއްޗެއް ކަމަށާއި، އެއީ ދަރަންޏެއްގެ ގޮތުގައި ބެލޭނެ އެއްޗެއް ނޫން ކަމަށެވެ.