ކޮވިޑް-19ގެ ޕެންޑެމިކްއަށް ފަހުގައި، ރާއްޖޭގެ ބޯޑަރު ހުޅުވައިލައި ފަތުރުވެރިކަން އަލުން ކުރިއަރުވަން މަސައްކަތް ކުރި ގޮތުގެ ”ރެސިޕީ“ ހޯދަން، ދުބާއީ ފަދަ ގައުމުތަކުން އައި ކަމަށް އެމްޑީޕީގެ ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ރައީީސް އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.
”އުފާވެރި މާލެ“ ނަމުގައި މުޅި ރާއްޖެއިން މީހުން ގެނެސްގެން، އެމްޑީޕީން ރޭ ވަނީ ބޮޑު ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި ސިޔާމް ވިދާޅުވީ، ރައީސް ސޯލިހު ކޮވިޑް މެނޭޖު ކުރި ގޮތުގެ ”ރެސިޕީ“ ހޯދަން ދުބާއީން ވެސް އައި ކަމަށާއި، އެމީހުން ތިބީ ވަރަށް ބޮޑަށް ހައިރާންވެފައި ކަމަށެވެ. އަދި ޔޫރަޕްގެ ގައުމުތަކުން ވެސް އެ ރެސިޕީއެއް ހޯދަން އުޅުނު ކަމަށް ވިދާޅުވިއެވެ.
”އޭގެތެރޭގައި އިނގެރޭސިވިލާތް ހިމެނޭ، ޔޫރަޕްގެ ޖަރުމަނު ހިމެނޭ، ދުނިޔޭގެ ބޮޑެތި އިގްތިސޯދު ހިފަހައްޓަމުން ގެންދާ، ދުނިޔޭގެ ބޮޑެތި ގައުމުތައް ހިމެނިގެންދޭ.“ އޭނާ ވިދާޅުވިއެވެ.
ސިޔާމް އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ އިގްތިސާދު، ދެ ގުނަ ވެސް އަދި ތިން ގުނަ ވެސް ކުރެވޭނީ ހަމައެކަނި ރައީީސް ސޯލިހުއަށް ކަމަށެވެ.
