ދިވެހީންގެ ގޯތީގެ ވަށާފާރު މަތިން ނާރާހާ ހިނދަކު، ކޮންމެ ގައުމަކާއެކު ވެސް ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ، ސަންގު ޓީވީގެ ”ރިޔާސީ ބަހުސް“ގައި ޕީޕީއެމް-ޕީއެންސީގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތު ބައްޓަން ކުރާނެ ގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގައި އިސް ކުރައްވާނީ ދިވެހީންނަށް އެންމެ ހެޔޮ ގޮތް ކަމަށެވެ.

”އަޅުގަނޑުމެންނަކީ، އެއްވެސް ގައުމަކާ ދެކޮޅު ވެގެން އުޅޭނެ ބައެއް ނޫން، މިތަނުގަ، އަޅުގަނޑުމެންގެ އަމިއްލަވަންތަކަން އަޅުގަނޑުމެންގެ ބަސް ބުނެވޭ، އަޅުގަނޑުމެންގެ ސިޔާދަތު ހިމާޔަތް ކުރެވި، އިސްތިގްލާާލް ހިމާޔަތް ކުރެވޭނަމަ، އެއީ އަޅުގަނޑުމެން އިސް ކުރާނެ ގޮތް.“ މުއިއްޒު ވިދާޅުވިއެވެ.

”އަޅުގަނޑުމެންނާ އެއްވެސް ގައުމަކާ ރުޅިވެރިކަމެއް ނޯންނާނެ، މި ދެންނެވި ހަމަ ގަބޫލުކުރާ ކަމުގައި ވަންޏާ.“

މުއިއްޒު އިތުރަށް ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ފަރާތުން، ރައްޔިތުންނަށް ފައިދާވާނެ ސިޔާސަތަކަށް އެ ސިޔާސަތު ހައްދަވާނެ ކަމަށެވެ.

”މެލޭޝިއާ ވިޔަސް، ލަންކާ ވިޔަސް، އެހެން ތަނެއްގައި ވިޔަސް، އެ ތިބި ފަރާތްތައް، ރައްޔިތުން، އެ ރައްޔިތުންނަށް އަޅުގަނޑުމެންގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ވާން ޖެހޭނެ ފައިދާ، އެހެން ގައުމަކަށް ނޫން ފައިދާ ވާނީ.“

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ވެރިކަން ލިބިވަޑައިގެންފިނަމަ ގެންގުޅުއްވާނީ ދިވެހިން އިސްކުރާ ހާރިޖީ ސިޔާސަތު ކަމަށާއި، އެކަން ގަބޫލު ކުރާ ކޮންމެ ބަޔަކާ ވެސް ގުޅުން އޮންނާނެ ކަމަށެވެ.