ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ”މިލިޓަރީ މަސައްކަތެއް ކުރަން“ މި ރާއްޖޭގައި ނެތް ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން އެމަނިކުފާނަށް މައްސަލައެއް ނޫންކަން ކަށަވަރު ކޮށްދޭ މޭރުމުން ވާހަކަފުޅު ދައްކަވައިފިއެވެ.

ސަންގު ޓީވީން ގެނެސްދިން ”ރިޔާސީ ބަހުސް“ގައި ރައީސް ސޯލިހު ވިދާޅުވީ ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން މި ރާއްޖޭގައި، އޭރު ވެސް އަދި މިހާރު ވެސް ނެތް ކަމަށެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި ތިބީ ޓްރެއިނިންގ ގައި ތިބޭ ސިފައިން ކަމަށެވެ.

”ދޭދޭ ގައުމުތަކާއެކީގަ އޮންނަ އެއްބަސްވުންތަކުގެ ދަށުން ޓްރެއިނިންގ ހެދުމަށް އެކިއެކި އެކްސަސައިޒް ހެދުމަށް އިންޑިއާ މީހުން ވެސް އާދޭ މި ތަނަށް. ލަންކާ ސިފައިން ވެސް އާދޭ. އެމެރިކާ މީހުން ވެސް އާދޭ. އިނގިރޭސިން ވެސް މިތަނުގަ ހަރަކާތްތެރިވޭ.“

ރާއްޖޭގައި އިންޑިއާ ސިފައިން ތިބެނީ ތަމްރީނު ހަދަން ކަމަށް ރައީސް ވިދާޅުވުމުން، އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވަނީ ތަމްރީން ހަދަން އަންނަ ސިފައިންނަށް، ފަސް އަހަރުން ވެސް ތަމްރީން ނުނިންމެނީތޯ ސުވާލު ކުރައްވައިފައެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ހާމަކޮށްފިނަމަ، ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.