ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ތ.އަތޮޅަށް މިއަދު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެމަނިކުފާނު ތ.ގުރައިދޫއަށް ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެރަށުން މުއިއްޒުއަށް އެންމެ ފުރަތަމަ މަރުހަބާ ދެންނެވީ، ތ.ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާން މައުމޫނެވެ. މާލެ ސިޓީގެ މޭޔަރު ކަން ވެސް ކުރައްވާ މުއިއްޒުއަށް ގުރައިދޫން ހަތްކޮޅުގެ މަރުހަބާއެއް ކިޔައިފައިވާއިރު، ރަތް ދޫލައެއް ވެސް ރަށު ބަނދަރު ސަރަހައްދުގައި ވަނީ އަޅައިފައެވެ.

އެ މުޅި ސަރަހައްދު ވެސް ޕީޕީއެމްގެ ކުލަ، ފިޔާތޮށި ކުލައިން ޖަރީކޮށްފައިވާއިރު، އެ ކުލައިގެ ދިދަ މުޅި ސަރަހައްދުގައި ވަނީ ދަމައިފައެވެ. ގުރައިދޫން މުއިއްޒުއަށް މެޖޯރިޓީގެ ޔަގީންކަން ދިންއިރު، އެ ރަށް ފާހަގަކުރެވެނީ، ޕީޕީއެމަށް ތާއީދު ބޮޑު ރަށެއްގެ ގޮތުގައެވެ.