އިދިކޮޅު ކޯލިޝަންގެ ލީޑަރު، ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނަށް ބޮޑުބޭބެ ވިދާޅުވާ އަހްމަދު ފާރިސް މައުމޫނާއި ދެބޭފުޅުން ބައްދަލުކުރެއްވި ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފެތުރި ވާހަކަތައް، އެ ކޯލިޝަނުން ދޮގުކޮށްފިއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މާފުށި ޖަލަށް ވަޑައިގެން، ރައީސް ޔާމީނާއި ބައްދަލު ކުރެއްވި ކަމަށް ވާހަކަތަކެއް ފެތުރުނީ އިއްޔެއެވެ.
އެކަމާއި ގުޅިގެން ރޭ އިދިކޮޅުން ވަނީ ބަޔާނެއް ނެރެފައެވެ.
އިދިކޮޅުން ބުނި ގޮތުގައި، އެފަދަ ދޮގު ވާހަކަތައް ފަތުރައިފައި ވަނީ އެ ކޯލިޝަންގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޑރ. މުހައްމަދު މުއިއްޒަށް ރައީސް ޔާމީންގެ ތާއީދު އޮތްކަމާއި، ރައްޔިތިތުން ޑރ. މުއިއްޒަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައިވާތީ، އެކަން ހަޖަމު ނުވެގެން، އެ ކޯލިޝަންގެ މެންބަރުން ބައިބައިކޮށް ފިތުނަ އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.
އަދި މި ހަބަރު ފެތުރުމުގެ އަޑިގައި ރައީީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ ބައިވެރިން ހިމެނޭކަމުގައި ދެކުމުގެ ފުރުސަތުވެސް އެބައޮތް ކަބަށްވެސް އެ ބަޔާނުގައި ވެއެވެ.
”އެހެންކަމުން މިފަދަ ފިތުނައިގައި ދިވެހި ރައްޔިތުން ޖެހިވަޑައިނުގަތް ރައީސް ޔާމީން އެންޑޯޒް ކުރައްވާފައިވާ ދިވެހީންގެ ރިޔާސީ ކެންޑިޑޭޓް، ކެންޑިޑޭޓް ނަންބަރު 4، ޑރ. މުޙައްމަދު މުޢިއްޒާއި އެކު ސާބިތުވެ ތިއްބެވުން އެދެމެވެ“. އިދިކޮޅު ބަޔާނުގައިވެއެވެ.
