ވެރިކަން ލިބިވަޑައިގެންފިނަމަ، އެމީހަކު ތާއީދު ކުރާ ސިޔާސީ ޕާޓީއެއްގެ ސަބަބުން އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނުގައި ލ.ހިތަދޫއަށް ވަޑައިގެން، ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަންނަވަނީ ތަރައްގީ ގެނައުމަށް ކަމަށާއި، ތަރައްގީ ގެނައުމުގައި އެއްވެސް ރަށެއް، އަދި ވަކި ސިޔާސީ ާޕާޓީއަކަށް ނިސްބަތްވާ ބަޔަކާއިމެދުގައި ތަފާތު ކުރުމެއް ނުގެންގުޅުއްވާނެ ކަމަށެވެ.
މާލެ ސިޓީގެ މޭޔަރުގެ މަގާމުގައި ހުންނަވާއިރު ވެސް، ވަކި ކުލައެއް ތަފާތު ކުރުމެއް ނެތި، ކޮށްދެވެން ހުރި ކޮންމެ ކަމެއް ވެސް ކުރައްވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
”އަޅުގަނޑު މާލޭގައި ވެސް ހިދުމަތް ކުރަނީ ރައްޔިތުން ބޭނުންވާ ގޮތް ބަލައިގެން، އެހެންވީމަ، މުޅި ރާއްޖޭގެ ރައްޔިތުންގެ ވެރިއަކަށް އަންނައިރު ވެސް، ހަމަ، އެގޮތަށް އަޅުގަނޑުގެ މަސައްކަތް ހުންނާނީ.“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ، އެމަނިކުފާނު ނުކުމެވަޑައިގެން ހުންނެވީ ނަތީޖާ ނެރެދިނުމަށް ކަމަށާއި، ރައްޔިތުންނަށް ހުސް ވައުދެއް ވެވަޑައިނުގަންނަވާނެ ކަމަށެވެ.
