އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހަ ”ދިވެހީންގެ ޖަގަހަ“އަށް ވަޑައިގަތުމުން އެނގެނީ ޖަލުގައި ހުންނަވައިގެން ވެސް ރައީީސް ޔާމީން ޕީޕީއެމް-ޕީއެންސީ ބަދަހި ކުރައްވާނެކަން ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
ދިވެހީންގެ ޖަގަހައިގައި، ރޭ ވާހަކަ ދައްކަވަމުން އާދަމް ޝަރީފު ވިދާޅުވީ، މެޑަމް ފާތުން އެ ޖަގަހައަށް ވަޑައިގަތުމަކީ، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އެންމެ ރީތިކޮށް ކުލަ ޖައްސައިލެވޭނެ މަންޒަރު ކަމަށެވެ.
އާދަމް ޝަރީފު ވަނީ އާލާސްކަންފުޅާ އުޅުއްވަމުން ވެސް، މެޑަމް ފާތުން އެ ޖަގަހައަށް ހިންގަވާފައި ވަޑައިގަތުމުން، އެތައްހާސް ވާހަކައެއް ބުނެދޭ ކަމަށް ވިދާޅުވެފައެވެ.
މެޑަމް ފާތުންއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި ޝުކުރު އަދާކުރެއްވުމަށްފަހުގައި، އާދަމް ޝަރީފު ވިދާޅުވީ، މި ފަހަރުގެ ރިޔާސީ އިންތިހާބު އިދިކޮޅުން ކާމިޔާބު ކުރާނީ ކަނބަލުންގެ ވޯޓާއިއެކުގައި ކަމަށެވެ.
”މި މަންޒަރުން ވަރަށް ރަނގަޅަށް ފެނިގެން އެދަނީ، ޖަލުގައި އޮންނެވިޔަސް، ކޮންމެ ހާލެއްގައި އޮންނެވިޔަސް، މި ޕާޓީ ބަދަހި ކުރައްވާނެކަން،“ އާދަމް ޝަރީފު ވިދާޅުވިއެވެ.
”އަޅުގަނޑުމެންނަށް، މެޑަމް ފާތުން މިތަނަށް ވަޑައިގެންނެވީމާ، ދެން ފުދޭ.“

ޕީޕީއެމް-ޕީއެންސީގެ ކަނބަލުންނަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައި އޭނާ އިތުރަށް ވިދާޅުވީ، ރައީސް ޔާމީން މިނިވަންކުރުމަށްޓަކައި، ”މިކަހަލަ އެތައް ހޯލްއެއް ފުރައިލާނެ ހިތްވަރު“ ކަނބަލުންނަށް ލިބިގެންވާ ކަމަށެވެ.
