ޕީޕީއެމް-ޕީއެންސީގެ ލަޝްކަރު، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ގެއަށް ވައްދާނެ ކަމަށް ޕީއެންސީގެ ޕީޖީ ލީޑަރު، އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

ކުރީގެ ފަސްޓްލޭޑީ، ފާތިމަތު އިބްރާހީމް، ރޭ ވަނީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިން ޖަގަހައަށް ވަޑައިގަންނަވައިފައެވެ.

ރޭ އެ ޖަގަހައިގައި އާދަމް ޝަރީފު، މެޑަމް ފާތުން މި ކުރެއްވި އިޝާރާތް ސިފަ ކުރައްވައިފައި ވަނީ، މި ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ކުރެއްވެވި ޖިހާދެއްގެ ގޮތުގައެވެ.

”އެމްޑީޕީއަށް ބުނެލަން އޮތީ، މި ލަޝްކަރު، އިބްރާހީމް މުހައްމަދު ސޯލިހު ގެއަށް ވައްދާނޭ.“ ކުރީގެ ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ.

އޭނާގެ ވާހަކައިގައި، އަނިޔާވެރިކަން ހުއްޓާލުމަށް އެމްޑީޕީއަށް ގޮވައިލެއްވިއެވެ. ފާތުންއަށް ދެއްވި މެސެޖެއްގެ ގޮތުގައި އޭނާ އިތުރަށް ވިދާޅުވީ، ޕީޕީއެމް-‏ޕީއެންސީން ގެއަށް ވަންނާނީ، ރައީސް ޔާމީން މިނިވަން ކުރުމަށް ފަހުގައި ކަމަށާއި، އެކަމަށްޓަކައި ކުރާ މަސައްކަތުގައި އެ ކޯލިޝަން ވަރުބަލި ނުވާނެ ކަމަށެވެ.