ދިވެހިރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، ފައިސާ ޗާޕު ކުރުން ހުއްޓަވައިލައްވާނެ ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކ. ތުލުސްދޫއަށް ވަޑައިގެން ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މިދިޔަ ހުރިހާ ވެރިކަން އެއްކޮށްލުމުން ޗާޕްކުރި ފައިސާގެ އަދަދު 6 ބިލިއަނަށް އަރާ ކަމަށާއި،މި ފަސް އަހަރު އެކަނި 8 ބިލިއަން ޗާޕްކޮށްފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތުމުން އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ނެޝަނަލް ރެސްޕޮންސިބިލިޓީ ގާނޫނުގައި އޮތް މާއްދާ ސަސްޕެންޑު ކުރުމަށްފަހު ފައިސާ އިންތިހާ އަށް ޗާޕުކޮށްފައިވާ ކަމަށެވެ.
އިގްތިސާދު ހަލާކުވަމުންދަނީ އެކަމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.
”އެހެންވީމާ އަޅުގަނޑުމެންގެ އިގްތިސާދީ ސިޔާސަތު ތެރޭގައި ފައިސާ ޗާޕް ކުރުން ހުއްޓާލާނަން. މިދެންނެވި ސަސްޕެންޑްކޮށްފައިވާ މާއްދާ އުވާލާނަން“ މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒުގެ ވާހަކައިގައި ސަރުކާރުން ލޯނު ނަގަމުންދާ ދިޔުމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
