ސަރުކާރުން އެއްވެސް ރައްޔިތަކަށް ދިން ގޯއްޗެއް އަތުނުލާނެކަމުގެ ޔަގީންކަން ދެއްވައި، އޭގެ ބަދަލުގައި ރައްޔިތުންނަށް އެތަނުގައި ގެދޮރު ބިނާ ކުރުމަށް ފަހިކޮށްދީ، އިތުރު ގޯތި ވެސް ދެއްވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީން ގެނެސްދިން ”އާސްކް މުއިއްޒު“ ޝޯގައި އެމަނިކުފާނު ވިދާޅުވީ މާލޭގެ ކޮންމެ ރައްޔިތަކަށް ދޭން އޮތް ޔަގީންކަމަކީ، ގޯތި ލިބުނު އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލާނެ ކަމުގެ ޔަގީންކަން ކަމަށެވެ.

އަދި ގިރާވަރު ފަޅުންނާއި، ގުޅީފަޅުން ގޯތި ލިބުނަސް އެ ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށާއި، އެ ގޯތިތަކުގައި ގެދޮރު ބިނާ ކުރަން ސަރުކާރުން އެހީ ވެދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ގޯތި ނުލިބޭ ރައްޔިތުންނަށް ގޯތި ލިބޭނެ މަގު ހޯދައި ދެއްވާނެ ކަމަށެވެ.

އެގޮތުން ފުށިދިއްގަރު ފަޅު ހިއްކުމަކީ ވެސް އެމަނިކުފާނުގެ މެނިފެސްޓޯގެ ސިޔާސަތެއް ކަމަށް ވިދާޅިވިއެވެ.

”އަޅުގަނޑު ޔަގީންކަން ދެން ހަމަ ހުރިހާ މާލޭގެ ރައްޔިތުންނަށް، ގޯތި ލިބުނު ފަރާތްތަކަށް ސަތޭކަ ޕަސަންޓު ޔަގީންކަން. ފުރިހަމަ ޔަގީންކަން މިދެނީ އަޅުގަނޑު އެއްވެސް ގޯއްޗެއް އަތެއް ނުލާނަން. ”މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ މެނިފެސްޓޯގައި 19 ބާބެއް އެކުލެވިގެންވާއިރު، އެންމެ ބޮޑު އިސްކަމެއް ދެއްވައިފައިވަނީ، ހަތަރު ވަނަ ބާބު ކަމުގައިވާ ގެދޮރުވެރި ކަމަށެވެ.