އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލްގައްޔޫމް، ގާނޫނީ ހަމަތަކުގެ ތެރެއިން، މިނިވަން ކުރުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ އެންމެ ބޮޑު އުފާ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރޭ ސަންގު ޓީވީން ގެނެސްދިން ”އާސްކް މުއިއްޒު“ ޝޯގައި ވާހަކަ ދައްކަވަމުންނެވެ. މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމެއްގައި، ހަގީގީ މާނައިގައި، ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ކުރައްވާނެ ކަމަށެވެ. އެމަނިކުފާނު ވަނީ ޝަރުއީ ނިޒާމަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވައިފައެވެ.
”ރައީީސް ޔާމީން މިނިވަން ކުރުމަކީ އަޅުގަނޑު ހަމަ އެންމެ އުފަލާއެކު، އެންމެ ފުރަތަމަ ކުރާނެ ކަންތައް. ވެރިއަކަށް ހުންނަ މީހާއަށް ލިބޭ ބާރެއް، ޖަލުގައި ހުރިއްޔާ ގެއަށް ގެނެސްދިނުން، ފުރަތަމަ ކަމަކަށް ވެސް ކުރެވޭނެ ކަމެއް،“ މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ވެރިކަން ލިބިވަޑައިގަންނަވާ ދުވަހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޯޓުތަކަށް އަތްބޭނުން ހުއްޓޭނެ ކަމަށެވެ.
”ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ސިޔާސީ ނުފޫޒު ފޯރުވައިގެން ނުހައްގު ހުކުމެއް ކޮށްފައި ރައީީސް ޔާމީން އެ ހުރީ. އެހެންވީމަ، އެ ސިޔާސީ ނުފޫޒު، އެ ބިރުވެރިކަން، އެ ޕްރެޝަރު ނިމުމަކަށް އަންނަ ދުވަހަކީ އެމަނިކުފާނު އެ ހައްގު އިންސާފު ލިބި މިނިވަންވާ ދުވަހޭ.“
މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ މައްސަލަ ވަރަށް ސާފު ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވައިފައިވަނީ ”ރައީީސް ޔާމީނާއި ބެހޭ ވެސް ކަމެއްގައި“ ނޫންކަން ކޭސް ލައިވް ކޮށްފައި ވުމުން، އެންމެންނަށް ވެސް އެނގޭނެ ކަމަށެވެ.
