މިހާރު އޮތް ސަރުކާރަކީ، ދިވެހި ގައުމަކީ އެހެން ބައެއްގެ ގައުމެއް ކަމަށް ނިންމައިފައިވާ ސަރުކާރެއް ކަމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ މާލޭގައި މާފަންނު ދެކުނުގައި، ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މިހާރުގެ ސަރުކާރަކީ ރާއްޖޭގެ ކަނޑުން އެތައްހާސް އަކަ ކިލޯމީޓަރުގެ ސަރަހައްދެއް، ސިއްރު ސިޓީ އަކުން ވިއްކައިލައިފައިވާ ސަރުކާރެއް ކަމަށެވެ.
މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގަތީ ވޯޓުލާއިރު، ގައުމީ ވިސްނުން އިސް ކުރުމަށެވެ.
”(މިފަހަރުގެ ވޯޓަކީ) ގައުމު ދެކެ ލޯބިވާކަން ދައްކަން ލިބޭ، ފަހަރުގައި އެންމެ ފަހު ފަހު ފުރުސަތަށް ވެދާނެ.“ އެމަނިކުފާނު ވިދާޅުވިއެވެ.
ިމުއިއްޒު ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް، އިންޑިއާ ސިފައިންނަށް ރާއްޖެއިން ފޭބުމަށް ދަންނަވާނެ ކަމަށެވެ. އެގޮތުން ”ސޮރީއޭ، މިތާކު ނުތިބެވޭނެއޭ“ ދަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
