ރައީީސް އިބްރާހީމް މުހައްމަދު ސޯލިހަކީ މޫނު ނިވާ ކުރައްވައިގެން ހުންނެވި ޑިމޮކްރަސީގެ ޢަދުއްވެއް ކަމަށް ކުރީގެ ނައިބު ރައީީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި، އެގޮތަށް ވިދާޅުވާ ސަބަބު ވެސް ސާފު ކޮށްދެއްވިއެވެ. އެގޮތުން ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑްކެސްގައި 13 ދަރަޖަ ދަށަށް ވެއްޓުމާއި، ސަރުކާރުގެ ކޮންމެ ކަމެއް ސިއްރު ކުރުމުގެ އާ ސަގާފަތެއް ގެންގުޅުމާއި، ރިޔާސީ ގަރާރަކުން ފްރީޑަމް އޮފް އެކްސްޕްރެޝަން ލިމިޓްކުރުމާއި، މިނިވަން މުވައްސަސާތައް ބޭކާރުކުރުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ޖަމީލު ވިދާޅުވީ ރައީީސް ސޯލިހަށް ވުރެ އަނިޔާވެރި ވެރިޔަކު ރާއްޖެ ނުދެކޭ ކަމަށެވެ.

ޖަމީލު ވިދާޅުވީ މި ވެރިކަމުގައި އިދިކޮޅު ކޯލިޝަނުގެ މެމްބަރުން 400 ވުރެ ގިނަފަހަރު ޖަލަށްލި ކަމަށެވެ. އަދި ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ޖަލަށް ލާފައިވާ ކަމަށާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒަށް ދައުވާ ކުރެއްވި ކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބާކީކޮށް މަގުމަތިކުރެއްވި ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.