ރިޔާސީ އިންތިހާބުގެ ނަތީޖާއިން، ރައްޔިތުން ބުނީ، އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ނޭދޭ ވާހަކަ ކަމަށް ޕީއެންސީގެ ރައީީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

އޭނާ މިފަދައިން ވިދާޅުވެފައި ވަނީ، ރޭ ޕީޕީއެމް-ޕީއެންސީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ލިބުނު ކާމިޔާބީ ފާހަގަކުރަން، ”ޝުކުރިއްޔާ ދިވެހީން“ މި ނަމުގައި ބޭއްވި ރެލީގައެވެ.

”ރައްޔިތުން ވިދާޅުވީ، ގޮތްނޭނގޭ އެގްރިމަންޓްތަކެއް ހަދައިގެން، ތިމަންނަމެންގެ ކަނޑުތަކާއި، ފަޅުތަކާއި، ބިންތަކާއި، އަދި ތިމަންނަމެންގެ ހަރު މުދާތައް ވިއްކާކަށް ވެސް ބޭނުމެއް ނޫނޭ.“ އޭނާ ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއިން، ރައްޔިތުން ދެން ބުނެދިން ވާހަކަ އަކީ، ރާއްޖޭގައި އަނިޔާވެރިކަން ގާއިމުވާން ބޭނުން ނުވާ ވާހަކަ ކަމަށް ވެސް، މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަކީ ޑރ.މުއިއްޒުގެ މުހިންމު އެއް ރިޔާސީ ވައުދެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެންމެ މުހިންމު ވައުދަކީ، ރާއްޖޭގެ މިނިވަންކަން ދިފާއު ކުރުމެވެ.