ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ސިޔާސީ ލީޑަރުން އެމަނިކުފާނާ ގުޅިވަޑައިގަތުމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.

ސިޔާސީ ޕާޓީތަކަށް، މާލެ ސިޓީގެ މޭޔަރުކަން ވެސް ކުރައްވާ މުއިއްޒު ދައުވަތު ފޮނުއްވާފައި މިވަނީ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބޮޑު ކާމިޔާބީއަށް ފަހު ތާއީދުކުރާ ފަރާތްތަކަށް ޝުކުރު އަދާކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނު ދިއްކުރައްވަނީ، ރަޙްމަތްތެރިކަމުގެ އަތެކެވެ.

”އަޅުގަނޑު މިދިއްކޮށްލީ ރަހްމަތްތެރިކަމުގެ އަތެއް. ގައުމު ދެކެ ލޯބިވާ ކޮންމެ މީހަކު ކޮންމެ ޕާޓީއެއް އަޅުގަނޑުމެންނާ އެކު ވަޑައިގަންނަވާ،“ މުއިއްޒު ވިދާޅުވިއެވެ.

 

”ޝުކުރިއްޔާ ދިވެހީން“ގެ ނަމުގައި ރޭ ބޭއްވި ހަރަކާތުގެ ތެރެއިން

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ހުންނެވީ ގައުމީ މަސައްކަތަކަށް ނިކުމެވަޑައިގެން ކަމަށެވެ.

އެ މަސައްކަތް މިމަހުގެ 30 ވަނަ ދުވަހު ނިންމުމަށްޓަކައި، އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންނާއި އެ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުން، އެމަނިކުފާނު ދިއްކޮށްލެއްވި އަތުގައި ހިފުމަށް މުއިއްޒު އެދިވަޑައިގެންނެވިއެވެ.

މުއިއްޒުގެ ވާހަކައިގައި، ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންފިނަމަ، އެއްވެސް ކުލައަކަށް ތަފާތު ކުރުމެއް ނެތި، ހުރިހާ ރައްޔިތުންނާއި މެދުގައި ވެސް، ހަމަހަމަ ކަމާއިއެކުގައި ކަންތައް ކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވީ، ޕީޕީއެމް-‏ޕީއެންސީގެ ފިކުރަކީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު، ރައީސް ޔާމީންގެ ފިކުރު ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، މުއިއްޒު އާއި ވާދަ ކުރައްވާނީ، އެމްޑީޕީގެ ރައީީސް، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މިހާރު ވެސް އިތުރު ދެ ޕާޓީ އާއި ގުޅިފައިވާ އެމްޑީޕީން ދަނީ އިތުރު އެހެން ޕާޓީތަކާއި ގުޅިގެން ދެވަނަ ބުރަށް ނުކުންނަން މަސައްކަތް ކުރަމުންނެވެ.