ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ބައެއް ވަރަށް އަވަހަށް ނިންމާނެ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އިންތިހާބުގެ ދެވަނަ ބުރުގައި ވާދަ ކުރައްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި، ޑރ.މުހައްމަދު މުއިއްޒުއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރާނެ ފަރާތެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށެވެ.

ނިމިގެންދިޔަ އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ގައުމުގެ އިސްލާހަށާއި، ރާއްޖޭގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް މި ޕާޓީން ކުރަމުންދާ މަސައްކަތްތައް ކުރުމުގައި ދެމިތިބޭނެ ކަމަށް ވެސް ޖޭޕީން ބުނެއެވެ.

”ގައުމުގެ ހަމަޖެހުމާއި ސަލާމަތާއި، އިޤްތިޞާދީ ދުޅަހެޔޮކަމަށް ކުރަންޖެހޭ ކަންތައްތައް ކުރުމުގައި މި ޕާޓީ ދެމިއޮންނާނެ ކަމުގައި ދަންނަވަމެވެ.“ ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ދަތުރުކުރެއްވީ 101،635 ވޯޓާ އެކުއެވެ. އެއީ 46.6 ޕަސެންޓެވެ. މުއިއްޒާ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ 86،161 ވޯޓެވެ. އެއީ 39.5 ޕަސެންޓެވެ.