ފުވައްމުލަކު ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓު އަނިޔާވި ޒުވާނާ ނިޔާވެއްޖެއެވެ.
އެކްސިޑެންޓްގައި ނިޔާވެފައި ވަނީ، ފުވައްމުލަކު ސިޓީގެ މިސްކިތްމަގު އަވަށު ދެބުދާރުގެ، އުމުރުން 30 އަހަރުގެ އިސްމާއިލް ހަސަންއެވެ.
ފުލުހުން މިއަދު ބުނީ ފުވައްމުލަކު ސިޓީގެ ނައިބު ތުއްތު މަގުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް ބަމްޕަރަކަށް އަރައި ކަހާލައިގެން ވެއްޓި ހާދިސާއެއް ހިނގާފައިވާ ކަމަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ 10:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ ހާދިސާގައި ސައިކަލު ދުއްވި މީހާއަށް އަނިޔާވެގެން އެ ސިޓީގެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އާދިއްތަ ވަނަ ދުވަހު މާލެ ގެނެސްފައިވާ ކަމަށެވެ.
އޭނާއަށް އޭޑިކޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އޭނާ ނިޔާވެފައިވާ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެވެ.
އެކްސިޑެންޓުގައި ނިޔާވި މީހާ އަކީ ސައިކަލު ދުއްވުމުގެ ލައިސަންސް ވެސް އޮންނަ މީހެކެވެ.
