ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނުނިންމައި މި ސަރުކާރުން ދިނުމުން، ފްލެޓް ލިބުނު މީހުން އެތަނަށް ވަންނަން ކުރި ހަރަދު އަނބުރާ ދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ރޭ ހުޅުމާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެޅި ހިޔާ ފްލެޓްތައް މިސަރުކާރުން، ފިނިޝިން މަސައްކަތްތައް ނުނިންމާ ދިނުމުން އެތަންތަނަށް ބަދަލުވި މީހުންނަށް ވަރަށް ބޮޑެތި ދަތިތަކާ ދިމާވިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފިނިޝިން މަސައްކަތަށް ދިޔަ ހަރަދު ފޫބައްދަން ސަރުކާރުން ފްލެޓްގެ ވެރި ފަރާތަށް ދެ ލައްކަ ރުފިޔާ ދޭނެ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

”އެވްރެޖް ގޮތެއްގައި އެ ދިޔަ ހަރަދަށް ބަލާފައި އާބަންކޯއިން އެ ކޯސްޓް އޮރިޖިނަލީ ޕްލޭން ކުރި ގޮތަށް، އެ ކޯސްޓް ބެއާކުރާ ގޮތަށް މި ކުރެވުނު ހަރަދު އެވްރެޖްކޮށްފައި އަނބުރާ ދައްކާގޮތަށް. އޭރު ޖެހުނު ހިސާބަށް ބަލާފައި ހަމަ އެ އަދަދަށް އެޗްޑީސީން ލޯނެއް ނަގާފައި ރައްޔިތުން އަތުން ދިޔަ އަދަދު އެވްރެޖް ކޮށްފައި ވަކި އަދަދެއް ކަނޑައަޅާފައި ދޭނަން،“ މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގައި ހިޔާ ފްލެޓްތައް ދޭން ނިންމީ ހުރިހާ މަސައްކަތެއް ކޮށް ނިންމާފައި ކަމަށެވެ.

ނަމަވެސް މިސަރުކާރުން އަވަސްއަރުވާލާފައި އެތަންތަން ދީފައިހުރީ މަސައްކަތްތައް ނުނިންމާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ކޮންމެ ޓަވަރެއްގައި ވެސް އިތުރު ލިފްޓެއް ބަހައްޓަން ޖަގަ އެބަހުރި ކަމަށާއި، ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި އެކަން ކޮށްދޭނެ ކަމަށެވެ.