ިޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ރޭ ވަނީ، އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިން ފައްޓަވައި، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި މުއިއްޒު ދެއްވި ޔަގީންކަމަކީ، މި ސަރުކާރުން އެއްވެސް ރައްޔިތަކަށް ދީފައިވާ އެއްޗެއް، އެމަނިކުފާނުގެ ސަރުކާރެއްގައި އަތުނުލާނެކަމުގެ ޔަގީންކަމެވެ. އެގޮތުން ސިޔާސީ ނޫން ވަޒީފާއެއް، ގޯއްޗެއް، އަދި އެހެން އެއްޗެއް ވިޔަސް އަތުނުލާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ، އެއްވެސް ރަށެއްގައި މި ސަރުކާރުން ފަށަން ރާވައިފައިވާ އެއްވެސް މަޝްރޫއުއެއް ވެސް އެމަނިކުފާނު ނުހުއްޓުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

 

ހުޅުމާލޭގައި މުއިއްޒު ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ

 

”އަދި ފެށިފައި އޮތް އެއްވެސް މަޝްރޫއުއެއް، އެކި ރަށްރަށުގައި އެބަހުރި، އެކި ވަރަށް ހިންގާ މަޝްރޫއުތައް، އެބަހުރި ހުއްޓާލާފައި ހުރި މަޝްރޫއުތައް، އަދި އިންތިހާބު ފެށެން ދެ ހަފްތާއަށް ވީމަ، އެއް ހަފްތާއަށް ވީމަ، ކުއްލިއަކަށް ފެށި މަޝްރޫއުތައް ވެސް އެބަހުރި. އަދި ސޮއިކޮށްފަ، ޕީއެސްއައިޕީގައި ނެތިސް ސޮއިކޮށްފައި ހުރި އެއްޗެހި އެބަހުރި، ސިޔާސީ ބޭނުމުގައި. ކޮންމެ ގޮތެއް ވިޔަސް، ރައްޔިތުންނާއި މި އެންގޭޖް ވެވެނީ ސަރުކާރުން، ރައްޔިތުންގެ އުއްމީދުތަކާއި މި ކުޅެވެނީ، އަޅުގަނޑުމެން އެއަށްވުރެ އަމާނާތްތެރިވާނަން.“ މުއިއްޒު ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރު، މުއިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ޕީޕީއެމް-ޕީއެންސީން ވެރިކަމާއި ހަވާލުވާން އަންނަނީ ރައްޔިތުންނަށް ހަގީގީ ތަރައްގީ ގެނެސްދިނުމަށެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވެލައްވަނީ، ރައްޔިތުން ބޭނުންވާ ކަންކަން ހަގީގަތުގައިވެސް ކޮށްދިނުމަށް ކަމަށެވެ. ރައްޔިތުންގެ ހެވާ ލާބަޔަށްޓަކައި، އެއްވެސް ކަމެއް ކުރެވޭކަމުގައިވާނަމަ، އެއީ ފެށިފައިވާ ކަމެއް ކަމުގައި ވިޔަސް، ފަށަން ނިންމައި، ނުފަށާ ހުރި ކަމެއް ކަމުގައި ވިޔަސް، އެކަމެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.