ބަދިގޭގައި ތަށި ދޮންނަން ވިޔަސް، ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިން ތިބެން ޖެހެނީ ކީއްކުރަންތޯ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ސުވާލު ކުރައްވައިފިއެވެ.
އެމަނިކުފާނުގެ ރިޔާސީ ކެމްޕެއިނުގެ ދެވަނަ ބުރުގެ ކެމްޕެއިން ރޭ ފައްޓަވަމުން، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުޢިއްޒު ވިދާޅުވީ، ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ތިބެނީ މިލިޓަރީ ހެދުމުގައި، ހަތިޔާރު އަޅައިގެން ނޫން ކަމަށް ދައްކައިދިނުމަށް، މި ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. އެ ވާހަކައަށް އެމަނިކުފާނު ފާޑުވިދާޅުވިއެވެ.
”ބަދިގޭގައި ތަށި ދޮންނަން ވިޔަސް، ކީއްކުރަންތޯ، އެހެން ގައުމެއްގެ ސިފައިން ތިބެނީ މިތާގަ؟“ މުއިއްޒު ވިދާޅުވީ، މި ސުވާލުގެ ޖަވާބު ބޭނުންވާ ކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާާލް ޔަގީންކޮށްދޭ ހުރިހައި ޤައުމަކާއިއެކުގައި ވެސް ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް މުއިއްޒު ރޭ ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ތަކުރާރު ކުރެއްވީ، ރާއްޖޭގެ މިނިވަންކަން އެމަނިކުފާނުގެ ވެރިކަމެއްގައި ކަށަވަރު ކުރައްވަވާނެ ވާހަކައެވެ.
”އެ މިނިވަންކަމާއި، އަޅުގަނޑުމެންގެ ސިޔާދަތީ ބާރުގެ ތެރެއަށް ބާރު ނުފޯރުވާހައި ހިނދަކު، އެންމެ އަވަށްޓެރިން ވެސް، ހަމަ އެންމެ އަވަށްޓެރިކަމުގެ ގޮތުގައި، އަޅުގަނޑުމެންގެ ތެރޭގައި، ގާާތް ގުޅުން އޮންނާނެ.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމާއިމެދު ”ތޯތޯ“ ގޮތެއްގައި ކަންކަން ކުރެވިގެން ނުވާނެ ކަމަށާއި، މިނިވަންކަމުގެ ހައްގު ދިފާއު ކުރުމުގެ ވާހަކަ ދިވެހީންނަށް ވެސް ދެއްކޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
