މިިދިޔަ ޖޫން މަހުގައި އައްޑޫ ސިޓީގައި އެއްބަނޑު އެއްބަފާ ބޭބެއަށް ހަމަލާދީ މަރައިލިކަމުގެ ދައުވާ ލިބޭ ކޮއްކޮ 12 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އައްޑޫ ސިޓީ މަރަދޫފޭދޫ/ބްލޫސްޓާރ، އަޙްމަދު ޝުއައިބުގެ މަރުގެ މައްސަލާގައި ދައުވާ އުފުލީ އޭނާގެ ކޮއްކޮ ޙުސައިން މަވާޒުގެ މައްޗަށެވެ.

މި މައްސަލާގައި ކްރިމިނަލް ކޯޓުގައި މިދިޔަމަހުގެ 31 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މަވާޒު ވަނީ ކުށަށް އިއުތިރާފުވެ ހާދިސާ ހިނގި ގޮތް ކިޔައިދީފައެވެ. އަދި އެކަމަށް ހިތާމަ ކުރާ ކަމަށާއި ތައުބާވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ.

މަވާޒު ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ދުވަހު ވަނީ ނިންމާފައެވެ.

އަދި ދައުލަތުން އޭނާއާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައިވާތީ ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ އެއްބަސްވުން ދަމަހައްޓަން އޭނާ ބޭނުންވޭތޯ ބެލުމާއި އަދަބު ކަނޑައެޅުން ކަމަށް ބުނެ އެ ދުވަހުގެ އަޑުއެހުން ނިންމައިލީއެވެ.

އިއުތިރާފު އެއްބަސްވުމުގައިވާ ގޮތުން އޭނާގެ މައްޗަށް އަންނާނީ 12 އަހަރާއި 6 މަހުގެ ޖަލު ހުކުމެކެވެ.