ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި އަހުމަދު ފާރިސް މައުމޫނާއި ބައްދަލުކޮށްފިއެވެ.
މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރާއި ގުޅޭ މަޝްވަރާތައް ކުރަން ބޭއްވި ބައްދަލުވުމެކެވެ.
މިއަދުގެ މި ބައްދަލުވުމާ ގުޅޭގޮތުން ޕީޕީއެމް ޕީއެންސީގެ ފަރާތުން އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ފާރިސް ވިދާޅުވީ މި ބައްދަލުވުމުގައި އިކޮނޮމިކް، ސޯޝަލް އަދި ސިޔާސީ ޕޮލިސީތައް ރިފޯމް ކުރުމާ ގުޅޭގޮތުން ފާރިސްގެ ފަރާތުން ގެންގުޅޭ ކަންކަން ހިއްސާ ކުރެވުނު ކަމަށެވެ.
އަދި ޑިމޮކްރަސީ ކުރިއަރުވާ އިންސާފު ގާއިމުކޮށް ހަމަހަމަކަން ގާއިމު ކުރުމަށް މިކަންކަން މުހިންމު ދައުރެއް އަދާކުރާ ކަމަށްވެސް ވިދާޅުވިއެވެ.
މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް 101،635 ވޯޓު ލިބިވަޑައިގެންނެވިއެވެ. އެއީ 46.06 އިންސައްތައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގަތީ، 86،000އަށް ވުރެ އިތުރު ވޯޓާއިއެކު 39.05 އިންސައްތައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.
