މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެވަރަށް ވެސް ވޯޓު ލިބިވަޑައިގަތީ ރާއްޖޭގެ މަޝްހޫރު ސޯޝަލް މީޑިއާ އިންފުލުއެންޒާ ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން) އެމްޑީޕީއާ ގުޅުމުން ކަމަށް އެމަނިކުފާނުގެ ކުރީގެ އެންމެ ގާާތް މިތުރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުގެ ކުރިން، ކައިޒީން ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. އޭނާ އެމްޑީޕީއާއި ގުޅުނީ ދެ މިލިއަން ރުފިޔާއަށް ކަމަށް ”ދިޔަރެސް“އިން ރިޕޯޓު ކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓު “އެމްއެން އަންއޮފިޝަލް“ އިން ކުރެއްވި ޓުވީޓެއްގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ލަފާކުރެއްވޭ ގޮތުގައި ރައީސް ސޯލިހަށް ދެވަނަ ބުރުގައި ލިބިވަޑައިގަންނަވާނީ ވޯޓުލާ މީހުންގެ %29 ކަމަށެވެ.

”އަޅުގަނޑަށް ހީވަނީ މިހާރު ވެސް ހުރީ %29 ހެން. ކައިޒީން ދުރުވިކަމުން 38 އަށް އެރީ ވެސް.“

ކައިޒީންގެ އިތުރުން، ގިނަ އަދަދެއްގެ ޓިކްޓޮކް ތަރިން ވެސް ރައީސް ސޯލިހަށް ފުރަތަމަ ބުރުގައި ތާއީދު ކުރިއެވެ. ނަމަވެސް މިހާރު އެ ތަރިން ރައީސް ސޯލިހަށް ތާއީދުކޮށް ޕޯސްޓެއް ނުކުރެއެވެ.