ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ގާއިމުވެ ތިބުމަކީ މައްސަލައެއް ނޫން ކަމަށް ދޭހަވާ ފަދަ މޭރުމަރުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް، އަދި މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވާހަކަ ދައްކަވައިފިއެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ މައްސަލަ ހޫނުވެފައިވާއިރު، މި ގައުމުގައި ތިބި ސިފައިންގެ އަދަދު ހާމަ ކުރަން ސަރުކާރުން ދެކޮޅު ހަދައެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި، ރާއްޖޭގައި ތިބި ސިފައިންގެ އަދަދު ހާމަކޮށްފިނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެއެވެ.
”މި ޒަމާނަކީ މީ ހަތިޔާރުތައް އެއްކޮށްގެން އެ ގައުމެއް އެ ގައުމު ބަލަހައްޓާ ޒަމާނެއް ނޫން. މި ޒަމާނަކީ މީ އެއްގައުމު އަނެއް ގައުމާ އޮންނަ ގުޅުމެއްގެ ތެރެއިން، އަސްކަރީ ކަންކަން ވެސް އަދި ސަލާމަތީ ކަންކަން ބަލަހައްޓާ ޒަމާން.“ އަސްލަމް ވިދާޅުވިއެވެ.
އަސްލަމްގެ މި ވާހަކައަށް މީސްމީޑިއާގައި، އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެގެން ދިޔައެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް އަންގަވާނެ ކަމަށް ވިދާޅުވެފައެވެ.
