މީހަކު ރަހީނުކޮށް އަދި އެ މީހާގެ ބޭންކް އެކައުންޓުން ފައިސާތަކެއް ފޭރުނު މައްސަލައަކާ ގުޅިގެން ހައްޔަރުކުރި ކުރީގެ ފިލްމީ ތަރި އަލީ ޝާހިދު (ސްޓެޕް އައްޔަ) ގެ ބަންދަށް އިތުރު 10 ދުވަސް ޖަހައިފިއެވެ.

ކޯޓު އަމުރެއްގެ ދަށުން ސްޓެޕް އައްޔަ ހައްޔަރުކުރިއިރު، އޭނާގެ ބަންދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. ބަންދުގެ މުއްދަތު އިތުރުކުރީ ބަންދުގެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުންނެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ ފޯޖަރީގެ މައްސަލައަކާ ގުޅިގެން މި މަހުގެ މެދުތެރޭގައި ހޯދަން ވެސް އިއުލާންކޮށްފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ މަހުގެ ކުރީކޮޅު މީހަކު ރަހީނުކޮށް، އަނިޔާކޮށް ފައިސާތަކެއް ފޭރިގެންފައި ވަނީ އައްޔަ އާއި އިތުރު ބަޔަކާ ބައިވެރިވެގެން މާލޭ ގެއެއްގެ ތެރޭގައެވެ.