ޕެންޝަން ފަންޑުން ތަފާތު ބޭނުންތައް ކުރެވޭ ގޮތަށް ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިކަން ހާމަކުރައްވައިފައި ވަނީ، އދ. މަހިބަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޕެންޝަން ފަންޑަށް އަހަރަކު 100 މިލިއަން ޖަމާވަމުން ގޮސް، މިހާރު އެ ފަންޑުގައި 20 ބިލިއަން ރުފިޔާ ހުރި ކަމަށް އެނގިވަޑައިގެންފައިވާ  ކަމަށާއި، ޕެންޝަން ފަންޑުގައި ކިތަންމެ ގިނަ ފައިސާ ހުރި ނަމަވެސް ފަންޑުގެ ހައްގުވެރިންނަށް ޕެންޝަން ފައިސާ އެންމެ ހެޔޮ ގޮތުގައި ބޭނުންކުރެވޭނެ ގޮތެއް މިވަގުތު ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާ އެކު ޕެންޝަން ގާނޫނު އިސްލާހުކޮށް ޕެންޝަން ފައިސާ ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ގޮތް ހައްދަވައިދެއްވާނެ ކަމަށާއި، އެމަނިކުފާނުގެ ވިސްނުން ހުރީ ތައުލީމު ހާސިލްކުރުމަށާއި، އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި، އަލަށް ވިޔަފާރިއެއް ފެށުން ފަދަ ކަންކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން ކޮންމެވެސް ވަރެއް ނެގޭ ގޮތް ހެދުމަށް ކަމަށް ވެސް ވިދާޅުވިއެވެ.