ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ބޮޑުވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް އިންތިހާބުކޮށްގެން ކަމަށް އެމްޑީޕީއާއިއެކު ކޯލިޝަން ހަދާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

އިމްރާން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލު ގެނައުމަށް ރައީސް ސޯލިހު އިންތިހާބުކުރަން ޖެހޭ ކަމަށެވެ.

”މުސާރަ ބޮޑުވާނީ ރައީސް އިބޫ ހޮވިގެން،“ އިމްރާން ވިދާޅުވިއެވެ.

އިމްރާން އެ ފަދައިން ވިދާޅުވެ ޓްވީޓު ކުރެއްވި އިރު ދައުލަތުގެ މުވައްޒަފުންގެ މުސާރަ އަންނަ ޖެނުއަރީން ފެށިގެން 40 ޕަސަންޓަށް ބޮޑުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕޭނުގެ ތެރޭގައި ވިދާޅުވެފައެވެ.

ނަމަވެސް މިއީ އިންތިހާބު ކައިރިވުމުން، ވޯޓު ހޯދަން ރައީސް ވިދާޅުވި ވާހަކައެއް ކަމަށާއި، އެކަމުގައި އިހްލާސްތެރިކަމެއް ނެތް ކަމަށް ފާޑުކިޔާ މީހުން ބުނެއެވެ.

އިމްރާންގެ ޓްވީޓަށް ޖަވާބު ދިން ގިނަ މީހުންގެ ނުރުހުން އޭނާއަށް އަމާޒުވީއިރު، އެކަކު ވަނީ ވެރިކަމުގެ ފަސް އަހަރު ތެރޭގައި ރައީސް ސޯލިހުއަށް ނުކުރެއްވުނު ކަމެއް، ދެވަނަ ދައުރެއްގައި ކުރެވިދާނެތޯ ވެސް އަހައިފައެވެ. ރައީސް ސޯލިހު ހޮވައިފިނަމަ، މުސާރަ ބޮޑުވާނެ ކަމަށް ބުނާއިރު، ދައުލަތް އޮތީ ދަރާފައި ކަމަށް ވެސް އިތުރު މީހަކު ބުނެފައިވެއެވެ.