އެމްޑީޕީން ދޭން ވައުދުވި ކިރުތަށްޓާއި ދޮންކެޔޮ ވަށް ވެސް ހަމައަށް ނުދެވޭ ކަމަށާއި، އެވަރުން ބޮޑެތި މަޝްރޫއުތަކުގެ ވާހަކަ ދައްކާނީ ކިހިނެއްތޯ، ޕީޕީއެމްގެ ނައިބު ރައިސް ރައީސް އަހްމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، ޕީޕީއެމް-ޕީއެންސީން ރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަންކަން ކުރެވޭ ކަމަށް ސަރުކާރުން ބުނާއިރު، މަޝްރޫއުތައް އަދި ވެސް ހުރީ ”ނިމެނީ ނިމެނީ“ގައި ނުވަތަ ”އަންނަނީ އަންނަނީ“ގައި ކަމަށެވެ.
”އެހެންވީމަ ބޮޑެތި މަަޝްރޫއުތަކުގެ ވާހަކަ ނުދައްކާ، ކުޑަ ރަށެއް ބޮޑު ރަށެއް ނުބަލާ ކުރީ ވައްކަން.“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ ވާހަކައިގައި، ސަރުކާރުން މަޝްރޫއުތައް ކުރިއަށް ގެންދިޔުމުގައި ކޮރަޕްޝަން އިންތިހާއަށް އޮތްކަން ފާހަގަކުރައްވައި، ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ސަރުކާރު ރުހޭ ބަޔަކަށް ދީ، ދައުލަތުގެ މާލިއްޔާއިން ގިނަ އަދަދެއްގެ ފައިސާ ގެއްލުވައިލައިފައިވާކަން ފާހަގަކުރެއްވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި، ރިޒާވްގައި ހުރި ފައިސާ އިތުރު ކުރެއްވިއިރު، މިހާރު ރިޒާވްގައި ހުރީ ލައްޑޫ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
