ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނަ ބޮޑުކޮށްދެއްވާނެ ކަމަށް އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އާޓިފިޝަލް ބީޗްގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި މުއިއްޒު ވިދާޅުވީ ސިފައިންނާއި ފުލުހުންނަކީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް ކުރަމުންދާ ބައެއް ކަމަށެވެ.

އެހެންކަމުން، ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑު ކުރައްވަން އިސްކަން ދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ސިފައިންނާއި ފުލުހުންނަކީ ކުޅޭކުޅޭ ބޯޅަޔަކަށް ނުހެދޭނެ ކަމަށާއި، އެމީހުންގެ މުސާރަ ބޮޑުކޮށްދިނުމަށް ވައުދުވެވަޑައިގަތީ އެކަން ކޮށްދެއްވާނެތީ ކަމަށެވެ.

”އަޅުގަނޑު މިހެން ދެންނެވީތީ މާދަމާ އަނެއްކާ ސިފައިންނާއި ފުލުހުންގެ މުސާރަ ބޮޑުކޮށްދީފާނެ. އެކަން ކޮށްދީފިއްޔާ އަޅުގަނޑު ވަރަށް އުފާވާނެ. އަޅުގަނޑު ތިނަދޫ ސިޓީއަކަށް ހަދައިދޭނެ ކަމަށް ބުނީމާ އެތަނަށް ވަޑައިގެން ތިނަދޫ ސިޓީއަކަށްވެސް ހަދައިފި.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބު ކައިރިވުމުން، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ، އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ވައުދުވަމުންނެވެ. ނަމަވެސް ގިނަ ބަޔަކު ސިފަ ކުރާ ގޮތުގައި، މިއީ އެއްވެސް އިހްލާސްތެރިކަމެއް ނެތި، ވޯޓު ހޯދަން ކުރާ ކަމެކެވެ.