ހުރިހާ ދާއިރާއެއްގެ މައްކަތްތެރިންގެ މުސާރަ ބޮޑުކޮށްދެއްވުމަށް ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ހދ. ނޮޅިވަރަމްފަރުގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަމުން މުއިއްޒު ވިދާޅުވީ މުސާރަތައް ބޮޑުކުރާނީ ރާއްޖޭގެ އިގްތިސާދު ކޮޅަށް ޖެހުމުގެ ތެރެއިން ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމާފައި ވަނީ ފުރަތަމަ އަހަރު މުސާރައަށް 35 ޕަސެންޓްގެ ކުރިއެރުމެއް އަދި 2026 ގައި ވެސް 35 ޕަސެންޓްގެ ކުރިއެރުމެއް ގެނެސްދީ ދައުރުގެ ފަހު އަހަރު 30 ޕަސެންޓްގެ ކުރިއެރުމެއް ގެނެސްގެން ކަމަށެވެ.
ފުލުހުންނާއި ސިފައިންގެ އިތުރުން ހުރިހާ ދާއިރާއެއްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމުގައި ހަގީގީ މަސައްކަތް ކުރާ ފަރާތް ކަމަށާއި ނަމަވެސް އެ ފަރާތްތަކަށް މިހާރު އޮންނަ ގޮތުން އެއްވެސް ވަރެއްގެ ހިތްހަމަޖެހުމެއް ނޯންނަ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އެކަށީގެންވާ ވަރުގެ މުސާރައެއް ނުލިބޭތީ ވަރަށް ފަސޭހައިން ވަޒީފާ ދޫކޮށްލާ ކަމަށާއި ނަމަވެސް ޕްރޮގްރެސިވް ކޯލިޝަންގެ ވެރިކަމެއްގައި މަސައްކަތްތެރިންގެ އަގުވަޒަންކޮށް މަސައްކަތް ބަލައިގަންނާނެ ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އިގްތިސާދީ ދާއިރާގައި ލަފާދޭ ޓީމުގެ ލަފަޔާއެކު ހުރިހާ ދާއިރާއެއްގެ ހުރިހާ މަސައްކަތްތެރިންގެ މުސާރަ އާއި އެލަވެންސްތަކަށް ހެޔޮ ބަދަލެއް ފަސް އަހަރުތެރޭގައި ގެނެސްދެއްވާނެ ކަމަށާއި، އޭގެ ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ހުށަހަޅަމުން ގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
