ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލާާން 25،000 މީހުން ރީ-ރަޖިސްޓަރ ކޮށްފައިވާތީ، އިންތިހާބު ވަގަށް ނަގަން ސަރުކާރުން އުޅޭކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ތުހުމަތު ކުރައްވައިފިއެވެ.
އޭނާ މި ތުހުމަތު ކުރައްވައިފައި ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ހދ. ކުމުންދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުންނެވެ.
އަބްދުއްރަހީމް ވިދާޅުވީ މިއަދު މާހައުލު ވަރަށް ބޮޑަށް ނުރައްކާ ވެފައިވާކަމަށާއި، މި ރިޔާސީ އިންތިހާބު ވަގަށް ނެގުމުގެ މަސައްކަތް ސަރުކާރުން ވަރަށް ބާރު ސްޕީޑުގައި ކުރަމުން ގެންދާކަމަށެވެ.
ރަށްރަށުގައި ތިބި ސަޕޯޓަރުން އަދި ސްޓިއަރިން ކޮމިޓީތަކުގެ މެންބަރުން އެކަންކަމަށް ވަރަށް ރަނގަޅަށް ފާރަވެރިވާންޖެހޭކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”ދެ ދުވަހުގެ ތެރޭގައި 25،000 ރަޖިސްޓްރީ ކޮށްފައި މިއޮތީ، މިއީ ގަސްތުގައި އޮޅުވާލައިގެން ނުބައި ނަންނަމުގައި ފޯމުވައްދައިގެން ކުރަމުން ގެންދާ ވަރަށް ބޮޑު ވައްކަމެއް. މިކަމުގެ ކަންބޮޑުވުން އިންތިހާއަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ތެރޭގައިވެސް އެބައޮތް.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
މި މައްސަލައިގައި އިދިކޮޅު ކޯލިޝަނުގެ ލީޑަރޝިޕުން މިއަދު 2 ޖަހާއިރު އިންތިހާބާއި ބެހޭ މަރުކަޒުގައި (ދަރުބާރުގެ) އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.
ވީހާވެސް ގިނަ ބަޔަކު މިއަދު މެންދުރު 2:00 ޖަހާއިރަށް އެ ސަރަހައްދަށް ދިޔުމަށް ޕީޕީއެމް/ޕީއެންސީން ވަނީ އެދިފައެވެ.
