މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލުމުން ދެ ދުވަސް ތެރޭގައި 25،000 އަށްވުރެއް ގިނަ މީހުން ރީރަޖިސްޓްރީ ކުރަން ހުށަހެޅުމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެކަމާ މެދު ސުވާލު އުފައްދަވައި، ކަންބޮޑުވުންފާޅުކުރައްވައިފިއެވެ.

މިކަމާއި ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެ ދުވަސްތެރޭގައި 25،000 އަށްވުރެއް ގިނަ މީހުން ރީރަޖިސްޓްރީ ވުމަށް ހުށަހެޅުމަކީ ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

މި މައްސަލަ ސީރިއަސްކޮށް ސިޔާސީ ޕާޓީތަކުންނާއި އިންޓަނޭޝަނަލް މޮނީޓަރުން އަދި އޮބްޒާވަރުން އަދި ކަމާގުޅުންހުރި އެހެން ފަރާތްތަކުން ބަލަންޖެހޭ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އީސީން މިއަދު ބުނެފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ރީރަޖިސްޓްރީވުމަށް މިހާތަނަށް ޖުމްލަ 25،493 މީހުން ހުށަހަޅާފައިވާ ކަމަށެވެ. އެ ކޮމިޝަނުން ބުނެފައިވަނީ މިހާތަނަށް، ދެވަނަބުރުގައި، 10271 މީހުން ރީ-ރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށެވެ.

 

މި މައްސަލައިގައި އިދިކޮޅު ކޯލިޝަނުގެ ލީޑަރޝިޕުން މިއަދު 2 ޖަހާއިރު އިންތިހާބާއި ބެހޭ މަރުކަޒުގައި (ދަރުބާރުގެ) އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.

ވީހާވެސް ގިނަ ބަޔަކު މިއަދު މެންދުރު 2:00 ޖަހާއިރަށް އެ ސަރަހައްދަށް ދިޔުމަށް ޕީޕީއެމް/ޕީއެންސީން ވަނީ އެދިފައެވެ.