ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު، ”ގިނަ ލަނޑު ޖައްސަވައިގެން“ ކާމިޔާބު ކުރައްވާނެ ކަމަށް ވިދާޅުވި ވާހަކަފުޅަށް ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ރައްދު ދެއްވައިފިއެވެ.
މިހާރު މި ނިމުނީ ފުރަތަމަ ހާފް ކަމަށާއި ދެވަނަ ހާފްގައި ދަނޑަށް އަރައި ގޯލްޖަހައި ބަލިކުރާނެ ކަމަށް ރައީސް ސޯލިހު ރޭ ވިދާޅުވިއެވެ.
އެމްޑީޕީގެ ކެމްޕޭން ޖަގަހައިގައި ބޭއްވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ފުރަތަމަ ހާފް ނިމުމަކީ މެޗު ނިމުން ނޫން ކަމަށާއި އެގޮތުން މިވަގުތު އެމްޑީޕީ އޮތީ 3-1 ގެ ނަތީޖާއަކުން ބަލިވެފައި ކަމަށެވެ.
ނަމަވެސް ދެވަނަ ހާފްގައި ނިކުމެ ނަތީޖާ ހަމަކޮށް އިތުރު ދެ ލަނޑު ޖަހައި 5-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބު ކުރާނެ ކަމަށާއި ހާފް ޓައިމުގައި ޗޭންޖިން ރޫމަށް ވަދެ ޓީމު އަލުން ރާވާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މި ވާހަކަފުޅަށް ރައްދު ދެއްވައި، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މުއިއްޒު ވިދާޅުވީ، ޑިފެންސަށް ކުޅެ، ލިބޭފުރުޞަތެއްގައި ދެމިގަނެގެންވިޔަސް ލަނޑެއް ޖެހޭނީ ކޮންމެވެސް ހުނަރެއް، ކުޅަދާނަކަމެއް ހުރެގެން ކަމަށެވެ.
”ދެވަނަ ހާފްގައިވެސް މިފެންނަނީ ގޯލު އޭރިޔާ ވަށައިގެން، މާބޮޑު ޙަރަކާތެއް ނެތި ތިބެ، ފުރަތަމަ ހާފްގައި ހެދި މިސްޓޭކްތައް ތަކުރާރުކުރާތަން. އަދި ބައިކޮޅަށް ލަނޑުތައް ޖަހަމުން ދާތަން. ކެޕްޓަން ކުޅެންހުއްޓަސް، ބަދަލުކުރަންޖެހޭ، ވަރުބަލިވެ، ބުންވަރު އެލިފައިވާ ކުޅުންތެރިންނާގެން ކުޅޭތަން. މިހެން ކަންކުރާނަމަ މިހާފްގައިވެސް ބޮޑުތަނުން ބަލިވާނެ.“
މުއިއްޒު އިތުރަށް ވިދާޅުވީ، ބޭރުގެ ކޯޗުންގެ އަތްދަށުން ސަލާމަތްވެ ދިވެހި ކޯޗުން ލާންޖެހޭ ކަމަށެވެ.

ޥަރަށް ގެޔޮ ބަހެއް މުއިއްޒު ތިޔަ ވިދާޅުވީ ހުރިހާވެސް މައްސަލައަކީ ބޭރުގެ ކޯޗުން ގެންގުޅޭތީ.