ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދެވި ”ދަ ޑިމޮކްރެޓްސް“ އިން ކޯލިޝަން ހެދުމަށް ޝަރުތު ކުރި ގޮތަށް، ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ވޯޓު ނަގަން އެމްޑީޕީން އެއްބަސްވިކަން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް އިބްރާހީމް މުހައްމަދު ސޯލިހު ހާމަ ކުރައްވައިފިއެވެ.
ރައީސް ވަނީ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މިއަދު ހެންވޭރުގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގަވައިފިއެވެ.
މިއަދުގެ ހަރަކާތުގެ ތެރެއިން، ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވަނީ ރައީސް މުހައްމަދު ނަޝީދާ ފޯނުން ގުޅުއްވާ ވާހަކަދެއްކެވި ކަމަށް ވިދާޅުވެފައެވެ.
ރައީސް ސޯލިހު ވިދާޅުވީ ޑިމޮކްރެޓްސް އިން ބޮޑަށް ބޭނުން ވަނީ ނިޒާމު ބަދަލު ކުރުމާއި ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހުރި ނެތް ގޮތުގެ ވޯޓެއް ނެގުމަށް ކަމަށެވެ.
ރައީީސް ވަނީ، ޑިމޮކްރެޓުން، މި މަހުގެ 30 ވަނަ ދުވަހު ބާއްވާ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ވޯޓު ނަގަން ބޭނުންވާކަމާއި، އެ ތާރީހަކީ 25 ސެޕްޓެމްބަރު ކަމަށް ވެސް ވިދާޅުވެފައެވެ.
”އަޅުގަނޑު ދެންނެވިން އެއީ އެހާ ޕްރެކްޓިކަލް ކަމަކަށް ނުވާނޭ. ހިނގާށޭ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހުގައި އެއާ ދޭތެރޭ ޑޭޓެއް ކަނޑައަޅަން. ޑޭޓަކާއި ދޭތެރޭގައި ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން. އެ ހުށަހެޅުން ހުށަހަޅާފައި ވާނީ.“
އެމްޑީޕީގެ ޗެއާޕާސަން، އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް މިއަދު ވިދާޅުވީ ނިޒާމާއި ގުޅޭ ފެންނަ ނުފެންނަ ވޯޓަކަށް ދާން އެމްޑީޕީގެ މައްސަލައެއް ނެތް ކަމަށެވެ.
ނަމަވެސް އެކަން މި މަހުގެ 25 ގައި ނުކުރެވޭނެކަން ޑިމޮކްރެޓްސް އަށް އަންގާފައިވާނެ ކަމަށެވެ.
އަދި އިންތިހާބުގެ ދެވަނަ ބުރަށް ފަހު ޑިމޮކްރެޓްސް އިން ހުށަހަޅާ ތާރީހެއްގައި އެ ވޯޓް ނަގަން ހުށަހަޅާފައިވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އިންތިހާބުގެ ދެވަނަ ބުރަށް ޑިމޮކްރެޓްސްގެ ތާއީދު ބޭނުންވާތީ، ނިޒާމީ ވޯޓު ނަގަން އެމްޑީޕީން އެއްބަސްވީއިރު، ނިޒާމު ބަދަލު ކުރުމާއި ރައީީސް ސޯލިހު ކުރިން ދެކޮޅެވެ. ދެވަނަ ބުރުގައި އެއްވެސް ޕާޓީއަކުން އަދި ރައީީސް ސޯލިހާއެކު ކޯލިޝަން ނުހަދައެވެ.

ކޮންމެ ގޮތަކުންވެސް ބޭނުމީ ވެރިކަން! ސާބަސް ހެޔޮ ޤައުމަށް ކޮންމެ ގޮތެއް ވިޔަސް. ތީދެން ބޮޑުވަރު . ޤައުމެއް ވާނެތް.