ގެދޮރުވެރިކަމުގެ ސިޔާސަތުގެ ދަށުން ބަންޑާރަ ގޯއްޗާއި ފްލެެޓް ލިބޭ ފަރާތްތަކަށް ލިބިފައި އޮންނަ ކުޑަ ބިންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތަށް ގާނޫނު އިސްލާހު ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ިރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނުގައި، ރޭ މާފަންނު އުތުރު ދާއިރާގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަމުގެ މައްސަލައަކީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަަލަ ކަމަށެވެ.

އެތައް ހާސް ރައްޔިތުންނެއް ގެދޮރުވެރިކަމަށް ބޭނުންވެފައިވާކަން ފާހަގަކުރައްވައި، ރައްޔިތުންނަށް ދިމާވެފައިވާ މި މައްސަލަ ހައްލުކޮށްދެއްވާނީ އިންސާފުވެރިކަމާ އެކު ގެދޮރުވެރިކަން ފޯރުކޮށްދީގެން ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ކުދިކުދި ތަންތަންކޮޅުގައި އުޅެމުންގެންދާ ރައްޔިތުންނަށް ސަރުކާރުން ދޭ ގޯއްޗާއި ފްލެޓް ލިބޭނީ އެ ފަރާތްތަކުގެ ނަމުގައި ނުވަތަ ބަހައިގެން އެ ފަރާތްތަކަށް ލިބިފައިވާ ނުވަތަ ލިބެން އޮތް ތަންކޮޅު ދޫކޮށްލައިގެން ކަމަށްް ޝަރުތުކޮށްފައި އޮތުމަކީ އިންސާފު ނޫން ކަމަށެވެ.

”އެހާ ދުވަސްވަންދެން ނިކަމެތި ގޮތުގައި އުޅެނިކޮށް މި ލައްވާލަނީ ފްލެޓެއް ނުވަތަ ގޯއްޗެއް. ލައްވާލީމާ މިހާރު މި އުޅޭ ތަންކޮޅު އެބަޖެހޭ ދޫކޮށްލަން. އެއީ އިންސާފެއް ނޫން،“ އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ބަންޑާރަ ދެ ގޯއްޗެއް އެކަކަށް ނުލިބޭނެ ކަމަށް އޮންނަ އޮތުން ގާނޫނު އިސްލާހުކޮށްގެންް، 600 އަކަފޫޓަަށްވުރެ ކުދިކުދި ތަންތަންކޮޅު ދޫކޮށްލަން ނުޖެހޭ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.