ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް ހުށަހަޅަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.

ނިޒާމީ ވޯޓު ނެގުމަށް، މަޖިލީހުގެ ހުޅުދޫ ދާއިރާ މެންބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރުގެ ބަހުސްކުރުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބަހުސްއަށް ފަހުގައި ނެގި ވޯޓުގައި މަޖިލީހަށް ހާޒިވެވަޑައިގެން 37 މެންބަރުންގެ ތެރެއިން 35 މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ފެންނަ ކަމަށް ހުރިހާ މެންބަރުން ވެސް ވަނީ ވޯޓުދެއްވާފައެވެ.

އެއަށްފަހު އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވުމުން، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 34 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އެ ގަރާރުގެ ބަހުސް ނިންމުމަށްފަހު މުޅި މަޖިލިހުގެ ކޮމިޓީއަކަށް ގެންދިޔުއުމަށާއި އެ ކޮމިޓީން ވެސް މަސައްކަތް ނިންމުމަށްފަހު އަލުން އަނބުރާ ތަޅުމަށް ގެނައުމުން އިތުރުން ވޯޓަށް އަހައި އިލެކްޝަންސް ކޮމިޝަނަށް އިންތިހާބު ބޭއްވުމަށް އެންގުމާ ހަމައަށް މަސައްކަތް ކުރިއަށް ގެންދަން ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ.

އެހެންނަމަވެސް ޕާޓީތަކުގެ މެންބަރުން މަޝްވަރާކޮށް ވާހަކަދެއްކުމަށް އެދިވަޑައިގެންފައިވާކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ މާދަމާ މުޅި ކޮމިޓީގެ މަސައްކަތް ކުރިއަށްގެންދަވަން ނިންމަވާފައެވެ.