ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގައި ނިޒާމަކާއި ގުޅޭގޮތުން، ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކޯލިޝަނުން ވެސް ތާއީދު ކޮށްފިއެވެ.
ނިޒާމީ ވޯޓު ނަގަން ބާރު އަޅަމުންދާ ޑިމޮކްރެޓްސްއިން އަންނަނީ މި މަހުގެ 28 ގައި ނިޒާމީ ވޯޓު ނެގުމަށް ގޮވާލަމުންނެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ތޮލާލް ވިދާޅުވީ ވެރިކަމުގެ ނިޒާމު 2007 ވަނަ އަހަރު ބަދަލުކޮށްފައި އޮތީ ރައްޔިތުން ބޭނުންވި ގޮތަށް ކަމަށެވެ. އަދި ދެން ވެސް ރާއްޖޭގައި ފެންނަން އޮންނަ ވެރިކަމުގެ ނިޒާމެއް ކަނޑައަޅާނީ ރައްޔިތުން ކަމަށާއި، ނިޒާމީ ވޯޓަކަށް ދާން މައްސަލައެއް ނެތް ކަމަށެވެ.
ނަމަވެސް އެފަދަ ވޯޓަކަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ފުރުސަތެއް ނެތް ކަމަށް ތޮލާލް ވިދާޅުވިއެވެ.
ތާއީދު ކުރަނީ، އިންތިހާބުގެ ފަހުން ވިޔަސް ނިޒާމީ ވޯޓަކަށް ދާން ކަމަށް އޭނާ ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމީން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރައްވާކަން ހާމަކުރައްވަމުން ތޮލާލް ވަނީ މި ވަގުތު ރާއްޖޭގެ ސިޔާސީ މާހައުލު އޮތް ގޮތުން ރާއްޖެއަށް އެ ނިޒާމު އެކަށީގެންނުވާ ކަމަށް ޔާމީން ފާހަގަކުރައްވާ ކަމަށް ވިދާޅުވެފައެވެ.
